މީހަކު ހިފަހައްޓައި، އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނެވެ. އެއީ އެމްޑީ ހޮސައިން (30އ)، އެމްޑީ މެހެދި ހަސަން (34އ)، އެމްޑީ ޝާ އަލަމް (39އ)، ސަރފިފް ހަސަން (38އ) އަދި ރަސަލް (20އ) އެވެ. މި އެންމެންގެ މައްޗަށްވެސް ފުލުހުން ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި އަނިޔާކުރުމުގެ ތުހުމަތެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން 15 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ވާގޮތުން، ފުލުހުން ވަނީ މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި، އިންސިޑެންޓް ފޯމާއި، އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކުގެ އިތުރުން ސީނަށް ދިޔަ ފުލުހުންނާއި މަންޒަރުދުށް މީހުންގެ ބަޔާންތައް ހިމެނެއެވެ.
ކޯޓުން މި ފަސް މީހުން ބަންދުގައި ބޭތިއްބުމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ، އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ.
ކޮމެންޓު ފޮނުވާ