ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމުގެ އަމާންކަމާއި މަސްލަހަތު ހިފެހެއްޓުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ހޭލުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހަކީ މާކުރިންވެސް ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ގައުމަށް ހެޔޮއެދޭ އެއްވެސް މީހަކު މި ބަދަލާ ދެކޮޅު ނަހަދާނެކަން ފާހަގަކުރައްވައި، މިއީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބެލި ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރެވި، އިންތިހާބުތަކާ ގުޅިގެން އުފެދޭ ކޮރަޕްޝަނުގެ މަގުތައް ބަންދުކުރެވޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އޮންނަ ނިޒާމުގެ ދަށުން، އަލަށް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރައްވަން ޖެހެނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ މަސައްކަތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އެ މުއްދަތު ސީދާ ރައްޔިތުންގެ ހިދުމަތަށް ހުސްކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ގާނޫނުއަސާސީ ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ގައުމަށް ހަގީގީ ކުރިއެރުމެއް ލިބޭނީ އަމާނާތްތެރި، ތެދުވެރި އަދި ދުރު ވިސްނޭ ވެރިއަކު ގައުމުގެ އިސް ސަފުގައި ހުރެގެން ކަމަށެވެ.
ކޮމެންޓު ފޮނުވާ