ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކޮށް، އެ ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިއަދު ހަވީރު މި މަސައްކަތް ފަށާފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ކޮންމެ ދުވަހަކުވެސް ގޯތިތައް ހަވާލުކުރަމުން ގޮސް ވީހާވެސް އަވަހަކަށް ފޭސް ތިނަކުން ދޫކޮށްފައިވާ ހުރިހާ ބިމެއް ހަވާލުކޮށް ނިންމާލުމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 އަދި 3 އިން ގޯތި ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ފޭސް 3 އިން ވަނީ ޖުމްލަ 698 ގޯތި ދޫކޮށްފައެވެ. މި ގޯތިތަކުގެ ތެރޭގައި 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ 7 ސައިޒެއްގެ ގޯތި ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ދޫކޮށްފައިވަނީ 2050 އަކަފޫޓުގެ ގޯތިތަކެވެ. އެއީ 242 ގޯއްޗެވެ. ދެން ހިމެނެނީ 1650 އަކަފޫޓުގެ 181 ގޯއްޗާއި، 2450 އަކަފޫޓުގެ 132 ގޯއްޗާއި، 2850 އަކަފޫޓުގެ 62 ގޯއްޗާއި، 3250 އަކަފޫޓުގެ 41 ގޯއްޗާއި، 3650 އަކަފޫޓުގެ 16 ގޯތީގެ އިތުރުން 4000 އަކަފޫޓުގެ 24 ގޯއްޗެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ފެށީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ގޯތި ހަވާލުކުރުން މިހާތަނަށް ލަސްވެގެންދިޔައީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ. އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފެށުމާއެކު، ގޯތި ލިބުނު ފަރާތްތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.
ކޮމެންޓު ފޮނުވާ