އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުން ނަތީޖާއެއް ނުނުކުމެއްޖެނަމަ، އެ ގައުމުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު، ޚާރްޖް އައިލެންޑް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނަވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާފާނެ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ "ޔެދިއޮތް އަހްރޮނޮތް" އިން ނަން ހާމަނުކުރާ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ވަރަށް ބޮޑަށް ބޭނުންފުޅުވި ނަމަވެސް، އެކަން ކާމިޔާބު ނުވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ރޭވުންތަކާއި ތައްޔާރީތައް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ޕާޝިއަން ގަލްފްގައި އީރާނުގެ އައްސޭރިފަށާ 30 ކިލޯމީޓަރު ދުރުގައި އޮންނަ، އެ ގައުމުގެ އިގްތިސާދުގެ މައި ނާރު ކަމަށްވާ ޚާރްޖް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުން ހިމެނެއެވެ.
ހަމައެއާއެކު، އިޒްރޭލުން މިހާރު އަމާޒު ހިފާފައިވަނީ އީރާނުގެ އަސްކަރީ އުފެއްދުންތެރިކަމުގެ ގާބިލުކަން ވީހާވެސް ބޮޑަށް ކުޑަކޮށް، އެމީހުންގެ އަސްކަރީ މަގްސަދުތައް ހާސިލުކުރުމަށެވެ. ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ ހިމެނޭހެން 1،340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލުގެ އިތުރުން އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ގިނަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގޮސް، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
ކޮމެންޓު ފޮނުވާ