ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

Author
ހުސައިން
26 މާރޗް 2026 10:20
0

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، އެކަމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، މި ޕްލޭނުގެ މައިގަނޑު އަމާޒަކީ ރިކަރަންޓު ޚަރަދުތައް ކޮންޓްރޯލްކޮށް، ދައުލަތުގެ ބަޖެޓުން ކުރާ ހޭދަތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ. މީގެ ތެރޭގައި އައު ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމާއި، ޚަރަދު ކުޑަކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ލިސްޓެއް ތައްޔާރުކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރައީސްގެ ލަފާފުޅާއެކު މި ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތައް އަޅާއިރު އާމްދަނީއަށް އަންނަ ބަދަލުތަކާއި، ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށްވެސް ރިއާޔަތްކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން މިހާރުން މިހާރަށްވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ވަނީ ހުއްޓާލާފައެވެ. ސަރުކާރުން އަޅަން ނިންމާ އިތުރު ފިޔަވަޅުތައް ރައީސްގެ މަޝްވަރާއަށްފަހު ވަރަށް އަވަހަށް ރަސްމީކޮށް އިޢުލާންކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.