މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލައި މަސްރަހު ފިނިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލައި މަސްރަހު ފިނިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 05:51
0

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލައި، ސަރަހައްދުގެ މަސްރަހު ފިނިކުރުމަށް ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގެ ހަވާސާގައި، އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އާންމުންނާއި ޤައުމުތަކުގެ އަސްކަރީ ނޫން ހައްސާސް ތަންތަނަށް އަމާޒުކޮށް ހުރިހާ ފަރާތްތަކަކުން ދޭ ހަމަލާތައް ކުށްވެރިކުރައްވައި، ކުށެއް ނެތް އާންމުން މަރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކާ ޚިލާފު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނުން ސަޢުދީ އަރަބިއްޔާ، ޔޫއޭއީ، ޤަތަރު، ކުވެއިތު، އޮމާން އަދި އުރުދުން ފަދަ ޤައުމުތަކުގެ އާންމު ތަންތަނަށް ދޭ ހަމަލާތައް ރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޑރ. ސަލްމާ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން އިންސާނީ އަދި އިޤްތިޞާދީ މައްސަލަތައް ކުރިމަތިވެ، ދުނިޔޭގެ ބާޒާރަށާއި ބޯޓު ދަތުރުފަތުރުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެހެންކަމުން، ބާރުގެ ބޭނުންކުރުން ހުއްޓާލައި، އދ. ގެ ޗާޓަރާއި ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް އުޞޫލުން މައްސަލަތައް ހައްލުކޮށް ސުލްހަ ޤާއިމުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.

މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އިސްވެ އޮވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެނިހެން ތަންތަނަށް ހަމަލާދެމުންނެވެ. ހަމައެއާއެކު، އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، އެ ޤައުމާމެދު ފިޔަވަޅު އެޅުމަށް ރާއްޖެއިން އަންނަނީ ކެނޑިނޭޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.