ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކުރި އިއުލާނުގައި ކުރިން މުއްދަތު ހަމަވާ ގޮތަށް އޮތީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތު އިތުރުކުރަން ނިންމީ، މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އިތުރު ވަގުތު ބޭނުންވާނެ ކަމަށް ފެންނާތީއެވެ. މިއީ މި ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ކުރި ތިންވަނަ އިއުލާނެވެ.
މި ޚިދުމަތް ދިނުމަށް 10 އަހަރުގެ މުއްދަތަކަށް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާއިރު، 1 ނޮވެމްބަރު 2027 ގެ ކުރިން ޚިދުމަތް ފަށަން ޖެހޭނެއެވެ. އާ އުސޫލުތަކުގެ ދަށުން، ޚިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ޚިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހޭނެއެވެ. އަދި ޚިދުމަތަށް ތިން އަހަރު ފުރޭ ހިސާބުން ފެށިގެން މި އަދަދު މަހަކު 100 އާއި 120 ގަޑިއިރާ ދެމެދަށް އިތުރުކުރަން ޖެހޭއިރު، ކަނޑައެޅޭ ވަކި އަގަކާއެކު ސާޗް އޮޕަރޭޝަންތަކަށްވެސް ހެލިކޮޕްޓަރު ފޯރުކޮށްދޭން ޖެހޭނެއެވެ. މީގެ އިތުރުން، ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް ސްޓްރެޗަރާއެކު ދެ މީހުން އުފުލޭވަރުގެ މަދުވެގެން އެއް ހެލިކޮޕްޓަރު ޚާއްސަކޮށްފައި އޮންނަންވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިފަހަރުގެ އިއުލާނުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ ހެލިކޮޕްޓަރުގެ އުމުރަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. ކުރީގެ އިއުލާނުގައި 8 އަހަރު ނުވާ ހެލިކޮޕްޓަރު ބޭނުންކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް، މިހާރު ގެނައި ބަދަލާއެކު 12 އަހަރު ނުވާ ހެލިކޮޕްޓަރުތައްވެސް މި ޚިދުމަތުގައި ބޭނުންކުރެވޭނެއެވެ. ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ކުރިން ހިލޭ ދޭންޖެހޭ ގަޑިއިރުގެ އަދަދު އުޅުނީ 80 އާއި 150 އާ ދެމެދުގައެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދުތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ