ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި

ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 10:15
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ، މި ހިނގާ މާރިޗު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައި ކުރިއަށްދާ މި ޖަލްސާގައި ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެމްއެސްޑީގެ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހަމަވާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 އަށެވެ.

މިއަހަރުގެ ޖަލްސާއަކީ ހިއްސާދާރުންނަށް ވަރަށް މުހިންމު ނިންމުންތަކެއް ނިންމުމަށް އެޖެންޑާކުރެވިފައިވާ ޖަލްސާއެކެވެ. އެގޮތުން ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ އިތުރުން ބޭންކުގެ އަސާސީ ގަވާއިދަށް ގެނެވޭ އިސްލާހުތައް ފާސްކުރުން ހިމެނެއެވެ. މިކަންކަމަކީ ޚާއްސަ ގަރާރަކުން ފާސްކުރަންޖެހޭ ކަންކަމަށްވާތީ، ވީހާވެސް ގިނަ ހިއްސާދާރުންގެ ބައިވެރިވުމަށް ގައުމީ ބޭންކުން ވަނީ އެދިފައެވެ.

ފާއިތުވި 2025 ވަނަ އަހަރަކީ ބީއެމްއެލްއަށް މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވުނު، ރެކޯޑު އަހަރެކެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެހެންމެ ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބޭންކުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެއް އަހަރު ތެރޭގައި 10 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރު 30،000 އަށްވުރެ ގިނަ އައު ކަސްޓަމަރުން ވަނީ ބޭންކާ ގުޅިފައެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރާ އަޅައިބަލާއިރު 16 އިންސައްތަ އިތުރުވެފައިވުމަކީ، ދިވެހިރާއްޖޭގެ ގައުމީ ބޭންކަށް އާންމުންގެ މެދުގައި އޮތް އިތުބާރު ވަރުގަދަކަން ހާމަކޮށްދޭ ކަމެއްކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.