އިސްތިއުމާރީ އިސްރާއީލުގެ ދެކުނުގައި އޮންނަ ނިއުކްލިއާ މަރުކަޒު ހިމެނޭ ދިމޯނާ ސިޓީއަށް 24 ގަޑިއިރު ތެރޭގައި އީރާނުން ފަސްވަނަ ފަހަރަށް މިސައިލް ހަމަލާދީ، މަދުވެގެން 39 މީހަކަށް އަނިޔާވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވަރުގަދަ ހަމަލާތައް ސިޓީގެ އެކި ސަރަޙައްދުތަކަށް އަމާޒުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ތިން ބުރީގެ އިމާރާތެއް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ. ދިމޯނާއަކީ އިސްރާއީލުގެ މައި ނިއުކްލިއާ ފެސިލިޓީ ހުންނަ ސަރަޙައްދު ކަމަށްވުމުން، އެ ސިޓީއަކީ އާންމުގޮތެއްގައި ސަލާމަތީ ގޮތުން ވަރަށް ވަރުގަދައަށް ފާރަވެރިވަމުން އަންނަ ތަނެކެވެ.
އީރާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ އީރާނުގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ރައްދެކެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ނިއުކްލިއާ ފެސިލިޓީއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، އަދި ރޭޑިއޭޝަން ލީކުވުން ފަދަ އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނެތްކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ