މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ބާކީ އޮތް 4 ސެގްމަންޓުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފަހަރު މަސައްކަތް ކުރިއަށް ދާނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މި މަސައްކަތުގެ ދަށުން 700 މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރުމުގެ އިތުރުން ޖާގަ ބޮޑުކުރުމަށްޓަކައި މަގު ފުޅާކުރުން ހިމެނެއެވެ.
މީގެ ކުރިން ނިމިފައިވާ ދެ ސެގްމަންޓެކޭ އެއްގޮތަށް ޒަމާނީ ފެންވަރަށް މި ސަރަޙައްދުވެސް ތަރައްޤީކުރާއިރު، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ޕޭވްމަންޓު ހެދުމާއި އަދި މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، މަސްވެރިންގެ ޕާކު ސަރަޙައްދަށް އެއްވެސް ބަދަލެއް ނުގެންނާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ދެއެވެ.
މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ގެންނަ ބަދަލެއްގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް، މާފަންނު ފެރީ ޓާމިނަލަށާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހެދުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަދައި ނިންމައި، މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ