ސަލްޓަން ޕާކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މިއަދު މެންދުރު ރައީސް ކުރެއްވި މި ޒިޔާރަތުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ޕާކުގައި އަލަށް ޤާއިމުކުރާ ވަޞީލަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ޢަމަލީ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ވަނީ ވަޒަންކުރައްވާފައެވެ. ހަމައެހެންމެ، މިއަދު ފާހަގަކުރާ ފިޠުރު ޢީދާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ބާއްވާ "ޢީދު ހަވީރު 1447″ އަށް ސަލްޓަން ޕާކު ސަރަޙައްދުގައި ވަމުންދާ ތައްޔާރީތައްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އޭގެ ތެރޭގައި ޕާކުގައި ހަދާފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްއާއި، ޝޫޓިންގ ރޭންޖުގެ އިތުރުން ޢީދު ހަވީރަށް ތައްޔާރުކުރާ ސްޓޯލްތަކުގެ އެންމެފަހުގެ މަސައްކަތްތައް ހިމެނެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އާންމުންނަށް ހުޅުވާލުމުގެ ބޮޑު މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ސިފައިންނާއެވެ. މި ބޮޑު ބަދަލާއެކު ޕާކު އަލުން ހުޅުވިގެންދާއިރު، ކުރިން ވިންޓަރ ޕާކު ހިންގި ސަރަޙައްދުގައި ޒަމާނީ އީ-ގޭމިންގ މަރުކަޒެއްވެސް ޤާއިމުކުރެވިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ