ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، ކޮންޓްރެކްޓަރުންނަށް ގިނަ ލުއިތަކެއް ދިނުމަށްފަހު އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކުރިން ހުށަހަޅަންޖެހޭ "ޕްރޫފް އޮފް ފަންޑް" ގެ ބަދަލުގައި މާލީ އިދާރާއަކުން ދޫކުރާ "ލެޓަރ އޮފް ކޮމްފޯޓް" ހުށަހެޅޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫޢަށް އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މަޢާފުކުރުމާއި، ފްލެޓް ގަންނަ ފަރާތްތަކަށް އިންޝުއަރެންސް ފޯރުކޮށްދޭންޖެހޭ ޝަރުޠު އުވާލުމުގެ އިތުރުން، ޖޮއިންޓް ވެންޗަރ ކުންފުނިތަކަށް ބައިވެރިވެވޭ އުސޫލަށްވެސް ވަނީ ލުއިތަކެއް ދީފައެވެ.
ހުޅުމާލެ ފޭސް 3 ގައި ކުރިއަށްގެންދާ މި މަޝްރޫޢު ޚާއްޞަކޮށްފައިވަނީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަސައްކަތް 5 ޕެކޭޖަކަށް ބަހާލާފައިވާއިރު، ކޮންމެ ޕެކޭޖެއްގައި ހިމެނެނީ 200 ޔުނިޓެވެ. ސަރުކާރުން ބުނެފައިވަނީ، ވީހާވެސް ގިނަ ދިވެހި ކުންފުނިތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އެއް ކުންފުންޏަކަށް އެންމެ ގިނަވެގެން ހަވާލުކުރެވޭނީ 400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގައި ހިމެނެނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާއެވެ. އުސޫލަށް ގެނައި މި ބަދަލުތަކާއެކު، ޕްރޮޕޯސަލް ހުށަހެޅުމަށް ކުރިން ކަނޑައަޅާފައި އޮތް ސުންގަޑި ވަނީ މި މަހުގެ 23 އިން 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ