މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ. ފްރާންސް މުބާރާތުގެ ގަދަ އަށަކަށް ދަތުރުކުރީ ތިންވަނަ ބުރުގައި ޕެރަގުއޭއާ ވާދަކޮށް 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވެގެންނެވެ.
މިއީ މިފަހަރުގެ ތަށި ނަގާނެކަމަށް ގިނަ ބަޔަކު ލަފާކުރާ ފްރާންސަށް ނިސްބަތުން ވަރަށް އުނދަގޫ މެޗެކެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގައި ޖުމްލަ 13 ލަނޑު ފްރާންސުން ޖަހާފައިވީ ނަމަވެސް، މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މެޗު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޕެރަގުއޭއިން ލަނޑު ޖެހުމަށް މަސައްކަތްކުރުމަށްވުރެ ބޮޑަށް އިސްކަންދިނީ ފްރާންސްގެ ކުޅުންތެރިންނަށް އަނިޔާކޮށް، އެ ޓީމުގެ ކުޅުން ހަލާކުކޮށްލުމަށެވެ.
މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމަށްފަހު، ފްރާންސަށް މެޗުގެ ލީޑު ނަގައިދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފްރާންސަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑާއެކު އެމްބާޕޭ ވަނީ މުބާރާތުގައި 7 ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއާ އަރާ ހަމަކޮށްފައެވެ.
ކުއާޓާ ފައިނަލްގައި ފްރާންސް ނުކުންނަން ޖެހޭނީ ވަރުގަދަ މޮރޮކޯއާ ދެކޮޅަށެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައިވެސް ވާދަކުރި ދެ ޓީމެވެ. އެ ފަހަރު 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފްރާންސެވެ.
ކޮމެންޓު ފޮނުވާ