ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ ނޯވޭއާ ދެކޮޅަށް ބްރެޒިލް ނުކުންނައިރު، ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިން ހާލަންޑް ހުއްޓުވުމަށް ވަކި ހާއްސަ ޕްލޭނެއް ނުގެންގުޅޭނެކަމަށާއި އޭނާ ހުއްޓުވަމީ އުދަގޫ ކަމެއް ނޫންކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
މި މުބާރާތުގައި މިހާތަނަށް ފަސް ގޯލު ކާމިޔާބުކޮށްފައިވާ ހާލަންޑާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ، ބްރެޒިލްގެ ޑިފެންޑަރުންނަކީ މީގެ ކުރިންވެސް އެތައް ފަހަރަކު ހާލަންޑާ ދެކޮޅަށް ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން އޭނާ ހުއްޓުވާނެ ގޮތް ކުޅުންތެރިންނަށް ވަކިން ކިޔައިދޭން ނުޖެހޭނެކަން ފާހަގަކުރަމުން ކޯޗު ބުނީ، ބްރެޒިލްގެ ވިސްނުން ހުރީ ހަމައެކަނި އެއް ކުޅުންތެރިއަކަށްވުރެ ބޮޑަށް މުޅި ނޯވޭ ޓީމަށް ކަމަށެވެ. ނޯވޭއަކީ ވަރަށް ރޭވުންތެރިކަމާއެކު ކުޅޭ ޓީމެއްކަން ފާހަގަކޮށް، މިރޭގެ މެޗުގައި ބްރެޒިލުން އެންމެ މަތީ ފެންވަރުގައި ކުޅެންޖެހޭނެކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ޖަޕާނު އަތުން މޮޅުވި މެޗަށްފަހު ޓީމުގެ އިތުބާރު ބޮޑުވެފައިވާކަމަށާއި، ނަމަވެސް އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށް އެންޗެލޯޓީ ބުންޏެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ނުކުޅޭ ބްރެޒިލްގެ ތަރި ނޭމާ، މިރޭގެ މެޗުގެ ކޮންމެވެސް ހިސާބަކުން ފެނުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކޯޗު ވަނީ އިޝާރާތްކޮށްފައެވެ. ބްރެޒިލް އަދި ނޯވޭ ވާދަކުރާ ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.
ކޮމެންޓު ފޮނުވާ