އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަވި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް އެ ގައުމުގެ ވެރިރަށް ތެހެރާނަށް އެތައް މިލިއަން ބަޔަކު ޖަމާވާން ފަށައިފިއެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައި ހާމަނާއީ އަވަހާރަވިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފަހުން، އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން އީރާނު ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ރަސްމިއްޔާތަކީ ފަހުގެ ތާރީހެއްގައި ބާއްވާ އެންމެ ބޮޑު އެއް ޖަނާޒާއަށް ވާނެކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ޖަނާޒާގެ ކަންކަން ކުރިއަށްދާ ވަގުތު ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން ހަމަލާ ބަދަލުނުކުރާނެ ކަމަށާއި، އީރާނާއެކު ކުރިއަށްގެންދާ މަޝްވަރާތައް އަލުން ފަށާނީ ޖަނާޒާއަށް ފަހުގައިކަމަށް ވިދާޅުވެފައެވެ.
އުމުރުފުޅުން 86 އަހަރުގައި ހާމަނާއީ އަވަހާރަވީ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާއެކުގައެވެ. އެގޮތުން އެ ހަމަލާގައި އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންގެ އިތުރުން 14 މަހުގެ ކާފަ ދަރިކަނބަލަކުވެސް ވަނީ އަވަހާރަވެފައެވެ. 1989 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 37 އަހަރު ވަންދެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވި ހާމަނާއީއަށްފަހު، އެ މަގާމާ ދެން ހަވާލުވެވަޑައިގަތީ ދަރިކަލުން މުޖުތަބާ ހާމަނާއީއެވެ. ނަމަވެސް ހާމަނާއީ އަވަހާރަވި ހަމަލާގައި މުޖުތަބާއަށްވެސް އަނިޔާވެފައިވާއިރު، އޭގެ ފަހުން އޭނާ އާންމުންގެ ތެރެއިން ފެނިވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ