ސްރީލަންކާގައި ޑެންގީގެ ނުރައްކާ ބޮޑުވެ، މަރުވި މީހުންގެ އަދަދު 39 އަށް އުފުލިއްޖެ

ސްރީލަންކާގައި ޑެންގީގެ ނުރައްކާ ބޮޑުވެ، މަރުވި މީހުންގެ އަދަދު 39 އަށް އުފުލިއްޖެ

Author
އަހުމަދު
05 ޖުލައި 2026 08:40
0

ސްރީލަންކާގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުންދާއިރު، މި އަހަރުގެ މިހާތަނަށް އެ ބަލީގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 59،000 (ފަންސާސް ނުވަހާސް) މީހުންނަށް ވަނީ ޑެންގީ ޖެހިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ކޮލަމްބޯ އަދި ގަމްޕަހާ ޑިސްޓްރިކްޓުންނެވެ. މިގޮތުން ކޮލަމްބޯއިން 12،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، ގަމްޕަހާއިން 11،700 އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މުޅި ގައުމުން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ މި ދެ ސަރަހައްދުންނެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މޭ މަހު 8،500 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 21،500 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ހަމައެކަނި މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައިވެސް 3،422 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މި ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ލަންކާގެ ބޮޑުވަޒީރު ދާދިފަހުން ވިދާޅުވެފައިވަނީ، މިހާރު އެ ގައުމުގައި މިހާ ހަލުވިކޮށް ޑެންގީ ފެތުރެމުންދަނީ ވައިރަހުގެ އާ ވޭރިއެންޓެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.