އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން މިއަދު އިއުލާނުކޮށްފި އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކާޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި ޚަތީބު ނައްތާލާފައިވާ ކަމަށެވެ. އަދި އީރާނުގެ އިސް އޮފިޝަލުން ފެންނަ ކޮންމެ ހިނދެއްގައި، އިންޓެލިޖެންސް މައުލޫމާތު ކަށަވަރުވާ ނަމަ އިތުރު ހުއްދައަކާ ނުލައި ހަމަލާދިނުމުގެ ފުރިހަމަ ބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ސިފައިންނަށް ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޚަތީބު އަވަހާރަކޮށްލިކަން މި ހާމަކުރީ، އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އަވަހާރަކޮށްލިތާ އެއް ދުވަސް ފަހުންނެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު ހަނގުރާމައަށް މިހާރު ވަނީ ތިން ހަފްތާ ވެފަ އެވެ. މީގެ އިތުރުން، ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ވެރިޔާ އަކްރަމް އަލް-އަޖޫރީއަށް ވެސް ހަމަލާދީފައިވާއިރު، އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ހޯދައި އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ވެސް އިޒްރޭލުން ވަނީ ދީފަ އެވެ.
މި ކަންކަމާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ލަރީޖާނީގެ މަރަށް ފަހު އެ ގައުމުން ވަނީ ވަރުގަދަ ބަދަލެއް ހިފާނެކަމުގެ އިންޒާރު ދީފަ އެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، އިޒްރޭލުގެ މިހާރުގެ އަމާޒަކީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ އޮނިގަނޑު މުޅިން ރޫޅާލައި، އެ ގައުމުގެ ސަރުކާރު ބަލިކަށިކޮށްލުމަށް ކުރިއަށްގެންދާ "ކައުންޓަ-ރެޖީމް ވޯފެއާ" އެއް ކުރުމެވެ.
ކޮމެންޓު ފޮނުވާ