ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށް ބުނެ، ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށް މާލެ ސަރަޙައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތައް ސެންޓަރުތަކުން އަމިއްލައަށް ބޮޑުކޮށްފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން، އެސްޓީއޯއިން އާންމު ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް އާންމު ދަތުރުފަތުރުކުރާ ފަރާތްތަކަށް ކުރިންވެސް ހުރި އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ވަނީ ހަމަޖައްސައިދީފައެވެ. އެހެންނަމަވެސް، ބައެއް ޓެކްސީ ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދައާ ނުލައި، އާ އަގުތަކެއް ކަނޑައަޅައި އެ އަގުތަކަށް ފައިސާ ނެގުމަށް ޑްރައިވަރުންނަށް އަންގާފައެވެ.
ސެންޓަރުތަކުން އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، މާލެއިން ހުޅުމާލެ ފޭސް 1 އަށް 95 ރުފިޔާ، ފޭސް 2 އަށް 120 ރުފިޔާ އަދި މާލެއިން ހުޅުލެއަށް ދިއުމަށް ނަގަން އަންގާފައިވަނީ 85 ރުފިޔާއެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެ ފޭސްއިން ހުޅުލެއަށް ކުރާ ދަތުރުތަކަށް 95 ރުފިޔާ ނެގުމަށް ވަނީ އަންގާފައެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަށްވުރެ ބޮޑު އަދަދުތަކެކެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަކީ މާލެއާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 30 ރުފިޔާ، މާލެއިން ހުޅުމާލެ ފޭސް 1 އަށް 85 ރުފިޔާ، ފޭސް 2 އަށް 100 ރުފިޔާ، މާލެއިން ހުޅުލެއަށް 70 ރުފިޔާއެވެ. އަދި ހުޅުމާލެ ފޭސް 1 އިން ހުޅުލެއަށް 80 ރުފިޔާ އަދި ފޭސް 2 އިން ހުޅުލެއަށް 85 ރުފިޔާ ކަނޑައަޅާފައިވާއިރު، ހުޅުމާލެ ފޭސް 1 އިން ފޭސް 2 އަށް ކަނޑައަޅާފައިވަނީ 40 ރުފިޔާއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ދަތުރުތައް ކުރެވޭނީ ހަމައެކަނި ކަނޑައަޅައި އާއްމުކޮށްފައިވާ ރަސްމީ އަގުތަކަށް ކަމަށް އަންގައި، އެއަށްވުރެ ބޮޑުކޮށް ފައިސާ ނަގާނަމަ އެކަން ރިޕޯޓުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
ކޮމެންޓު ފޮނުވާ