އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Author
ޙަސަން މުޙައްމަދު
17 މާރޗް 2026 04:53
0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވަނީ، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާ ކަމަށެވެ. އަދި އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޕީޖީ އޮފީހުން ގަބޫލުކުރާ ގޮތުގައި، މައްސަލަ ބެއްލެވި ފަނޑިޔާރު އެގޮތަށް ކަނޑައަޅުއްވާފައިވަނީ ހެކި ވަޒަންކުރުމުގެ ގާނޫނީ ހަމަތަކާ ހިލާފަށެވެ.

މި މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް ދަށު ކޯޓުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީން ބުނެއެވެ. އެހެންކަމުން، ހައިކޯޓުގައި ޕީޖީން އެދިފައިވަނީ ހެކިންގެ ހެކިބަސް ނަގައި، ހެކިތައް އަލުން ވަޒަންކުރުމަށްފަހު އެއީ މަނީ ލޯންޑްރިންގެ އަމަލެއްތޯ ކަނޑައެޅުމަށްޓަކައި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.

ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، މި އިސްތިއުނާފުގެ ސަބަބުން ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ ކުށުގެ އަސްލު ނިންމުމަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ސަބަބަކީ އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އެފްއޭއެމްގެ އެހެނިހެން ޗެކްތަކާއި ފައިސާވެސް ލޯންޑާކޮށްފައިވާކަން ސާބިތުވުމުން ކަމަށްވެފައި، އެ ބައިތައް އިސްތިއުނާފުކޮށްފައި ނުވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.