Author
ޙަސަން މުޙައްމަދު
15 މާރޗް 2026 11:33
0

ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެ، މާލޭ މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެއްގައި ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ 21:15 ހާއިރު އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭކަމުގެ ރިޕޯޓު ލިބުމާއެކު އެ ކުދިން ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންގޮސްފައެވެ. އަދި އެއީ އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށާއި، ފަހުން އެ ކުދިން ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަކީ އަބަދުވެސް އިސްކަންދޭ ކަމެއްކަން ފުލުހުން ފާހަގަކުރިއެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ކުއްޖެއްގެ ބެލެނިވެރިއަކު "އެކްސް" ގައި ވަނީ ފުލުހުންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، ރޭ 21:20 އާއި 22:33 އާ ދެމެދު ޕާކުގައި އިށީނދެލައިގެން ތިބި 18 އަހަރުން ދަށުގެ ކުދިންތަކެއް ފުލުހުން ހިފެހެއްޓި ކަމަށާއި، ބެލެނިވެރިންނަށް ގުޅަން މަސައްކަތް ކުރުމުން އެކަން ނުކުރުމަށް ފުލުހަކު އިންޒާރުދިން ކަމަށް އޭނާ ތުހުމަތުކުރިއެވެ.

ބެލެނިވެރިޔާ އިތުރަށް ބުނެފައިވަނީ، ރޭގަނޑު ނުވައެއް ޖަހާއިރަކީ މާ ދަން ވަގުތެއް ނޫން ކަމަށެވެ. އަދި ކުށްވެރިންނާ މެދު އަމަލުކުރާ ބީދައިން ކުޑަކުދިންނާ މެދު އަމަލުކޮށް، ދެ ގަޑިއިރު ވަންދެން ފުލުހުންގެ މަރުކަޒުގައި އެ ކުދިން ބޭތިއްބުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.