ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު މިއަދު ބަންގްލަދޭޝްއަށް ފޮނުވާލަނީ

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު މިއަދު ބަންގްލަދޭޝްއަށް ފޮނުވާލަނީ

Author
ހުސައިން
15 މާރޗް 2026 05:50
0

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ 'ދަ ޑެއިލީ ސްޓާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ބަންގްލަދޭޝްއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހާދިސާގައި ނިޔާވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑެވެ. މި ހިތާމަވެރި ހާދިސާގައި ފުރާނަ ގޮސްފައިވާ ފަސް މީހުންނަކީވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެއީ މި ދެމީހުންގެ އިތުރުން ރާޖު އުދިން އިސްލާމް، ރޮބިން މޮއްލާ އަދި ނޫރްނަބީ ސަރްކާރް އެވެ. މީގެ އިތުރުން ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސައްދާމް ހޮސެއިން އާއި ޖަމާލް އުދިންއަށް މިހާރުވެސް ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގުމާއެކު ގޭތެރޭގައި ތާށިވި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން އެތެރެއަށް ވަދެ ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ސަލާމަތްކޮށްގެން ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އޭގެ ތެރެއިން ފަސް މީހަކު ވަނީ ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވަނީ އަލިފާން ރޯވި ސަރަހައްދަށް ގޮސް ހާލަތު ބަލައިފައެވެ. އަދި މަރުވި މީހުންގެ އާއިލާތަކާ ގުޅައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު އެހެން ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަންވެސް ހައި ކޮމިޝަނުގެ ފަރާތުން ވަނީ ހަމަޖައްސައިދީފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.