އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދުޝްމަނުން ހަމަލާއެއް ދީފިނަމަ، އޭގެ ރައްދު ހަރުކަށިކޮށް ދޭނެކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ދެއްވައިފިއެވެ.
ނޫސް އެޖެންސީއަކަށް ދެއްވި އިންޓަވިއުއެއްގައި އަރަޣްޗީ ވިދާޅުވީ، އީރާނުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުންދޭން މަސައްކަތްކޮށްފިނަމަ، މެދުއިރުމަތީގައި ގާއިމުވެފައިވާ އެމެރިކާގެ ކުންފުނިތަކާއި އެމެރިކާގެ ހިއްސާ އޮންނަ ފެސިލިޓީތަކަށް އީރާނުގެ ސިފައިން އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ. ނަމަވެސް މިފަދަ ބަދަލުހިފުމުގެ ހަމަލާތައް ދޭއިރު، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ގެއްލުން ނުވާނެހެން ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހުރަސްކުރާ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އާންމުކޮށް ހުޅުވިފައި އޮތް ނަމަވެސް، ދުޝްމަނުންނާއި އެމީހުންނަށް ވާގިވެރިވާ ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކަށް އެ މަގުން ދަތުރުކުރުމުގެ ފުރުސަތު އީރާނުން ނުދޭނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އެމެރިކާއާއި އިސްރާއީލުން ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އީރާނަށް ހަމަލާތަކެއް ދޭން ފަށާފައެވެ. މިކަމުގެ ރައްދުގައި އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، މުޅި ދުނިޔެއަށް އޭގެ އަސަރުކޮށް ފުޅާ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ކޮމެންޓު ފޮނުވާ