ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 10:23
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ކުށް ސާބިތުވި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ސާބިތުކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. ޔޫއެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން (BS337) އޭނާ ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސްރޭ ކުރުމުގެ ތެރޭގައި ޝައްކުކުރެވިގެން ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ވަނީ އޭނާގެ ތަކެތި ބަލައި ފާސްކޮށްފައެވެ. އެގޮތުން އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން ފެނުނު ޕެކެޓެއް ތަހުލީލު ކުރިއިރު، އެއީ 535.67 ގްރާމްގެ މެތައެމްފަޓަމިންކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، މައްސަލައިގެ ކުރީގެ މަރުހަލާތަކުގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭނީ 23 އަހަރާއި 3 މަހާއި 25 ދުވަހުގެ ޖަލު އަދަބެކެވެ. އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން ކޯޓުން ވަނީ އޭނާ 100,000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.