އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ އިތުރު ފުރުޞަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން އީސީން މި މުއްދަތު އިތުރުކޮށްފައިވާއިރު، އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މާދަމާ ރޭ 12:00 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކަށާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އީސީގެ 'މައި ޕޯޓަލް' މެދުވެރިކޮށެވެ.
އޮބްޒާވަރުންނަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއެކު، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. އަދި އަމިއްލަ ގޮތުން ނުވަތަ މަދަނީ ޖަމްޢިއްޔާއެއްގެ ފަރާތުން ކުރިމަތިލާނަމަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނަން އޮވެގެން ނުވާނެއެވެ. މީގެ އިތުރުން އީސީގެ އިންތިޚާބީ މަސައްކަތަކާ ހަވާލުވެ ހުރި މީހަކަށް ނުވުމާއި، އީސީގެ ސުލޫކީ މިންގަނޑަށް އިޤުރާރުވެފައިވާ މީހަކަށް ވުމުގެ އިތުރުން ފާއިތުވި 5 އަހަރު ތެރޭގައި އިންތިޚާބީ ކުށެއް ސާބިތުވެފައި ނުވުމަކީވެސް ޝަރުތެކެވެ.
އީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ވޯޓުލުމާއި ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ޕާޓީތަކަށާއި ޖަމްޢިއްޔާތަކަށް ފާސް ދޫކުރާނީ އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ. އަދި ކޮންމެ ވޯޓުލާ މަރުކަޒެއްގައިވެސް އެއްފަހަރާ ޙަރަކާތްތެރިވެވޭނީ ކޮންމެ ހައިސިއްޔަތަކުން އެންމެ އޮބްޒާވަރަކަށެވެ.
ކޮމެންޓު ފޮނުވާ