ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން އެ ބޭންކުން ނިންމައިފިއެވެ.
މިއީ ގައުމީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. ޑިރެކްޓަރުންގެ ބޯޑުގެ މި ހުށަހެޅުން ޖަލްސާއިން ފާސްވެއްޖެނަމަ، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެއެވެ. މިދިޔަ އަހަރު އެ ބޭންކުން ހިއްސާއަކަށް ބަހާފައިވަނީ 55 ރުފިޔާއެވެ.
މި މުހިންމު ޖަލްސާގައި ބައިވެރިވުމުގެ ހައްގު ލިބިގެންވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ޖަލްސާގައި ބައިވެރިވުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު، އަމިއްލައަށް ހާޒިރުވެގެންނާއި، އޮންލައިންކޮށް އަދި ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން ރަޖިސްޓަރޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ.
ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ކުންފުނީގެ މުހިންމު ގިނަ ނިންމުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިއްސާގެ ފައިދާ ފާސްކުރުމާއި، ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން އައްޔަނުކޮށް އުޖޫރަ ކަނޑައެޅުމުގެ އިތުރުން، އާ ދައުރަށް ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުން ހިމެނެއެވެ. ހަމައެހެންމެ، ބޯނަސް ހިއްސާ ދޫކުރުމާއި ބޭންކުގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުން ވެސް މި ޖަލްސާގައި ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ