ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކުރަން ހަވާލުކޮށްފި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކުރަން ހަވާލުކޮށްފި

Author
ހުސައިން
13 މާރޗް 2026 02:16
0

ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، އެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ރާއްޖެއިން ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ހުޅުމާލެ ޕޮލިސް ގުޅިގެން މި މާރިޗު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ހަރަކާތުގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ 40 ފުޅިއާއި، ބަނގުރާގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 27 އަހަރުގެ ނަޒްމުލް ޙަސަންއެވެ. އޮޕަރޭޝަންގެ ތެރެއިން އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު އޭގެ މަޑިދަށުންވެސް ބަނގުރާ ފެނިފައިވާތީ، މައްސަލައިގެ ތަޙުޤީޤަށް އެ ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް (ޓޯވކޮށް) ފައެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލައިގެ ކަމާގުޅޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ ރާއްޖެއިން ފޮނުވާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި މެދުނުކެނޑި މިފަދަ ގިނަ އޮޕަރޭޝަންތަކެއް ފުލުހުން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.