ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހަކަށް

Author
ހުސައިން
11 މާރޗް 2026 01:52
0

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ލިސްޓަށް ބަލާއިރު، ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި 150،370 ފިރިހެނުންނާއި 144،506 އަންހެނުން ހިމެނެއެވެ.
މި އިންތިހާބު ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޭޕްރިލް 4 ވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުލުންވެސް ހަމަ އެ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގައި 190 އަށްވުރެ ގިނަ ފޮށި ބެހެއްޓޭނެއެވެ. އަތޮޅުތަކުގައި ބެހެއްޓޭނީ 322 ފޮއްޓެވެ. ކަނޑައެޅިފައިވާ ޢަދަދަށް ރަޖިސްޓްރީ ނުވާތީ، ރިސޯޓްތަކާއި ސިނާޢީ ރަށްތަކުގައި މި ފަހަރު ވޯޓުފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއިން ބޭރުގައި ވެސް ވޯޓުފޮށި ނުބެހެއްޓޭނެއެވެ. ވޯޓުފޮއްޓެއް ބެހެއްޓޭ ގައުމެއްގައި މަދުވެގެން 2،000 މީހުން ރަޖިސްޓަރީވެ، ކޮންމެ ދާއިރާއަކުންވެސް މަދުވެގެން 40 މީހުން ރަޖިސްޓަރީވެފައި ހުރުން ލާޒިމެވެ. ނަމަވެސް، މި ޝަރުތު ހަމަވި ގައުމެއް ނެތެވެ. މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރި ނަމަވެސް، ސްރީލަންކާ ހިމެނޭ ގޮތަށް ދެން ރަޖިސްޓަރީ ހުޅުވި ގައުމުތަކުގެ ޢަދަދު ޝަރުތަށް ވަރަށް ބޮޑަށް ދަށެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.