މޫސުމީ ބަދަލުތަކާއި ދަރަނީގެ މައްސަލަތަކުގައި ކޮމަންވެލްތުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކާއި ދަރަނީގެ މައްސަލަތަކުގައި ކޮމަންވެލްތުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
09 މާރޗް 2026 11:52
0

މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ ހޯދުމުގެ އިތުރުން ދަރަނީގެ މައްސަލަތައް ހައްލުކުރުމުގައި ކޮމަންވެލްތުގެ ގައުމުތަކުން އެއްބާރުލުންދީ ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. މިއަހަރުގެ ކޮމަންވެލްތު ޝިއާރު ކަމަށްވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރަކީ ރާއްޖެއިން ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންކަމާ ގުޅިފައިވާ ޝިއާރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވުމުން މޫސުމީ ބަދަލުތަކާއި ބޭރުގެ އިޤްތިޞާދީ ލޮޅުންތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ ފައިދާ ހަމަހަމަކަމާއެކު ހުރިހާ މުޖުތަމަޢުތަކަކަށް ލިބެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮމަންވެލްތަކީ ސުލްހަޔާއި ހެޔޮވެރިކަން ކުރިއެރުވުމުގައި އެއްބައިވަންތަކަމުގެ ދިރިހުރި މިސާލެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުމާ ގުޅިގެން ރައީސް ދެއްވި މެސެޖުގައި، ޤައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ ޤައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެހެންމެ މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް، އެއްބަސްވުންތައް އާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށާއި، މި އާއިލާއަށް ފައިދާކުރަނިވި ހަރުދަނާ ނަތީޖާތަކެއް ނެރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.