މި ހިނގާ ބަރަކާތްތެރި ރޯދަމަހުގެ ފަހު ދިހަޔަކާ ކުރިމަތިލިއިރު، ބާޒާރުގައި އާންމުންގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ރޯދަމަސް ފެށުނުއިރު އަތްނުފޯރާ ފަށުގައި ހުރި މިރުހުގެ އަގުތަކަށް މިހާރު ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އިއްޔެ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގައި ހުރި ނަމަވެސް، މިއަދު މިރުސް ކިލޯއެއް ލިބެން ހުރީ 230 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި 100 ގްރާމްގެ މިރުސް މިހާރު 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައި މާރުކޭޓުން ލިބެން އެބަހުއްޓެވެ. ރޯދަމަސް ފެށުނު ދުވަސްވަރު 100 ގްރާމް 45 ރުފިޔާއަށް ހުރިއިރު، މިރުސް ކިލޯއެއް 450 ރުފިޔާއަށްވެސް ބައެއް ގޮޅިތަކުން އޭރު ވިއްކާފައިވެއެވެ.
މިރުހުގެ އިތުރުން ބާޒާރުގައި ލިބެންހުރި އެހެނިހެން ތަރުކާރީއާއި މޭވާގެ އަގުތަކަށް ބަލާއިރުވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ފަޅޯ ކިލޯއެއް 50 ރުފިޔާއަށް އުޅޭއިރު، ޖުމްހޫރީ މޭވާ ކިލޯއެއް ލިބެންހުރީ 120 ރުފިޔާއަށެވެ. ދޮންކެޔޮ ކިލޯއެއް 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރިއިރު، އާދައިގެ ކަރާއާއި އަލަނާސި ކަރާ ކިލޯއެއް އުޅެނީ 35 ރުފިޔާއަށެވެ. މީގެ އިތުރުން އަލަނާސި ކިލޯއެއް 60 ރުފިޔާއަށް ލިބެންހުރިއިރު ލުނބޯ ކިލޯއެއް މާރުކޭޓުގައި ވިއްކަނީ 70 ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ