މަގުހެދުމާއި ބޯހިޔާވަހިކަން ފަދަ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގާއިރު، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހަދަން ނުޖެހޭ ގޮތަށް ސަރުކާރުން ގަވާއިދު އިސްލާހުކޮށްފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ގެނައި މި ބަދަލާއެކު، ކުރިން އީއައިއޭ ހެދުން މަޖުބޫރުކޮށްފައި އޮތް ބޮޑެތި މަސައްކަތްތަކަކަށް ވަނީ ލުއިދީފައެވެ. އަލަށް އާންމުކުރި ލިސްޓުގައި އީއައިއޭ ނުހަދައި ކުރިއަށް ގެންދެވޭނެ 25 ބާވަތެއްގެ މަސައްކަތް ހިމެނެއެވެ. އޭގެ ތެރޭގައި ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ހެދުމާއި، އާންމު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ކުނިކޮށި ހެދުމުގެ އިތުރުން، އަސްލަށް ބަދަލު ނާންނަ ގޮތަށް ފާލަންތަކާއި އެއްގަމު ތޮށި މަރާމާތުކުރުން ހިމެނެއެވެ.
މީގެ އިތުރުންވެސް އާދައިގެ ދިރިއުޅުމާއި ގުޅިފައިވާ ކުދި މަސައްކަތްތަކަށް އަލަށް ގެނައި އިސްލާހުގެ ދަށުން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން 5،000 އަކަފޫޓަށްވުރެ ކުދި ބިންބިމުގައި ދަނޑުވެރިކަން ކުރުމާއި، ގޯތިތެރޭގައި އަމިއްލަ ބޭނުމަށް ވަޅުލުމާއި ގަސްހެއްދުން، އަދި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމާއި 300 ކިލޯވޮޓަށްވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބެހެއްޓުމަށްވެސް ދެން އީއައިއޭ ބޭނުމެއް ނުވާނެއެވެ. ހަމައެހެންމެ، ބިންހިއްކުމާއި ގަސްކެނޑުން ނުހިމެނޭހެން މުވާސަލާތީ ޓަވަރުތައް ޖެހުމާއި، ފަޅު ނުކޮނެ އޮޑިދޯނިފަހަރު އެހެލުމާއި އެންކޮށި ބެހެއްޓުން ފަދަ ކަންކަންވެސް މި ލިސްޓުގައި ވަނީ ހިމަނާފައެވެ.
ސަރުކާރުން ބުނާ ގޮތުގައި މި އިސްލާހުގެ އެންމެ ބޮޑު ބޭނުމަކީ މަޝްރޫއުތައް ފެށުމަށް ސަރުކާރުގެ ވުޒާރާތަކަށާއި ކައުންސިލްތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްކޮށް، މަސައްކަތްތައް އަވަސްކުރުމެވެ. މި ބަދަލުތައް ގެނެސްފައިވާއިރު، މިދިޔަ އަހަރު ސަރުކާރުން ވަނީ ތިމާވެށި ހިމާޔަތްކުރާ އެޖެންސީ (އީޕީއޭ) ގެ ނަން "އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ ހިންގުމަށާއި މަސްއޫލިއްޔަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ