ކ. ހުރާގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން ފެނަކަ ކޯޕަރޭޝަންގެ އަތުން ނަގައި، ރަސްމީކޮށް ސްޓެލްކޯއާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙު އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިން ފެނަކައިގައި މަސައްކަތްކުރަމުންދިޔަ ހުރާގެ 32 މުވައްޒަފުން ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު، މާލެ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓު ފޯރުކޮށްދެމުން އެދަނީ ސްޓެލްކޯއިންނެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯ ހިންގުމާ ހަވާލުވެހުންނެވި ޑރ. އަޒްވަރު ވިދާޅުވީ، ކުންފުނިން ޚިދުމަތްދޭ އެހެން ރަށްތަކެކޭ އެއްފަދައިން ހުރާގެ ޚިދުމަތްތައް ވެސް ސްޓެލްކޯގެ މިންގަނޑަށް ފައްތައި، އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ރޭވިފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރައްވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ފެނަކައިގެ އެމްޑީ ނަޖާޙު ފާހަގަކުރެއްވި ގޮތުގައި މިއީ ފާއިތުވި އަހަރެއްހާ ދުވަހު އެކި ލެވެލްތަކުގައި ކުރެވުނު ގިނަ މަޝްވަރާތަކަކާއި ދިރާސާތަކެއްގެ ކާމިޔާބު ނިމުމެވެ. އަދި މި ބަދަލުގެ ސަބަބުން އާ ބާބެއް ފެށި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެތައް ގުނައަކުން ރަނގަޅުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމް ވެސް ވަނީ، މިއީ ހުރާގެ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި އުއްމީދެއް ޙާޞިލުވުންކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ރަށަށް ހުރިހާ ގޮތަކުންވެސް ފަސޭހަވެ، އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ