ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް ހުޅުވި މިސްކިތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ރަމަޟާން މަހާ ދިމާކޮށް މަސައްކަތް ނިންމައި ހުޅުވި ކޮންމެ މިސްކިތަކަށް މިހާރު ވަނީ ސައުދީން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދެވިފައެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ އިސްލާމީ މަރުކަޒު (މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު)، ޅ. ކުރެންދޫ މަސްޖިދުއް ސިއްދީޤް، ނ. މަނަދޫ މަސްޖިދުއްތަޢުބާ، ސ. މަރަދޫ މަސްޖިދު ރައްޔާން، ށ. ފޯކައިދޫ މަސްޖިދުލް ނޫރު، ޅ. އޮޅުވެލިފުށި މަސްޖިދުލް އިޚްލާސް، ލ. ގަން ތުނޑީ ބަނދަރު މިސްކިތާއި މަސްޖިދުލް ސަލާމް، ހއ. އިހަވަންދޫ މަސްޖިދު ޒުވައިދާ އަޙްމަދު، ހުޅުމާލެ ފޭސް 2 ގެ މަސްޖިދު އީމާން، އދ. އޮމަދޫ މަސްޖިދުލް ރަޙްމާ، ނ. ކުޑަފަރި މަސްޖިދު މުޙައްމަދު ޤާސިމް، ނ. ކެނދިކުޅުދޫ މަސްޖިިދު ޝަމީމާ ޢަބްދުﷲ އަދި މާލެ ސިޓީގެ މަސްޖިދު ޔޫސުފުލް ބަރުބަރީ ހިމެނެއެވެ.
ފާއިތުވި 2025 ވަނަ އަހަރު ސައުދީ ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން ޖުމްލަ 50،500 މުސްޙަފް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށެވެ. އެގޮތުން އެކި ޤުރުއާން ކުލާސްތަކަށްވެސް މި މުސްޙަފްތައް ހަދިޔާކުރުމުގެ މަސައްކަތް ވުޒާރާއިން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ