މެދުއިރުމަތީގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން ދީފި

މެދުއިރުމަތީގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން ދީފި

Author
ހުސައިން
01 މާރޗް 2026 05:29
0

މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމަށް މަތީ ތަޢުލީމާ، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ ނޭދެވޭ އަސަރެއް ކުރޭތޯ ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ދަރިވަރުންގެ ޙާލަތު ދެނެގަނެ، އެ ސަރަޙައްދުގެ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު މެދުކެނޑުމެއްނެތި މުޢާމަލާތްތައް ކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިގޮތުން ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާ ގުޅިގެން ޙާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވައި، މަޢުލޫމާތު ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި ދަރިވަރުންގެ ސަލާމަތަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދިވެހި ރައްޔިތުންނަށާއި ދަރިވަރުންގެ ޢާއިލާތަކަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.