ތ. ފުނައްޑޫގައި ހުންނަ މަސް ފެކްޓްރީގެ އޮޕަރޭޝަން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މި އަހަރުގެ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވީރާނާވެފައި އޮތް ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ ނަން މިނިސްޓަރު ހާމައެއް ނުކުރެއްވިއެވެ. ޑިސެމްބަރު މަހުގެ މަސްވެރިންގެ ދުވަހަށް އެ ތަނަށް މަސް ގަންނަން ފެށޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފުނައްޑޫއަކީ ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ މަސް ގަނެ އެކްސްޕޯޓު ކުރުމަށް ތަރައްގީކުރެއްވި ރަށެކެވެ. އެ ރަށް ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެންގެވި ލޯނު ނުދެއްކުމުން، ބޭންކުން އެ ރަށް ވިއްކާލަން އިޢުލާން ކުރި އެވެ. މާރިޗު 2023ގައި ސަރުކާރުން އެ ރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކުރި އެވެ. ފުނައްޑޫގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހުއްޓާލީ 2008 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ