ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް، އަދި އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ތިރިކޮށްދެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައި މިވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ، ބޭކާރު އިސްރާފު ގިނަވުމުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ފިޔާ ކިލޯއެއް 14 ރުފިޔާއަށްވުރެ ހެޔޮކޮށް، ކެބެޖް ކިލޯއެއް 65 ރުފިޔާއަށް، އަދި ދޮންކެޔޮ ކިލޯއެއް 70 ރުފިޔާއަށްވުރެ ހެޔޮކޮށް ލިބޭނެ ފިހާރައެއް ރައީސް މުއިއްޒު ދައްކަވައިދެއްވުމަށް ނަޝީދު ގޮވާލެއްވިއެވެ. ތަކެތީގެ އަގު ބޮޑުވެފައި ވަނިކޮށް، ސިޔާސީ ކަންކަން ގޭތެރެއަށް ވައްދައިގެން މިނިސްޓަރުން ޓިކްޓޮކް ކުޅެންވީ ވަގުތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތަކެތީގެ އަގު ބޮޑުވުމާއި ޑޮލަރު ލިބުމުގައި ދަތިވަމުންދާތީ އާންމުންގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ