މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި، އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ސަރުކާރުން ދަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެސްޓީއޯއާ ގުޅިގެން ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށް އެ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ އިޤްތިސާދު މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ކަމަށްވާއިރު، މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވުމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށާއި ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ކޮށްފާނެ އަސަރުތައްވެސް ސަރުކާރުން ދަނީ ދިރާސާކުރަމުންނެވެ. އަދި މި ދިރާސާތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ޤާއިމުކުރުމަށާއި އާންމު ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރާވާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ރިޒާވް މިވަގުތު ހުރީ ރެކޯޑު މިންވަރަކަށް މަތީގައެވެ. މިއީ ބޭރުގެ އިޤްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް މާލީ ވުޒާރާއިން ދެކެއެވެ.
މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިޤްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ