އީރާނުން މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިޢުލާންކުރުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ސަމާލުވެ ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، އީރާނާއެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް އެމެރިކާގެ ފައުޖުތައް އޮތީ ތައްޔާރީ ހާލަތުގައެވެ. އެމެރިކާއިން ބުނާ ގޮތުގައި ހޮނިހިރު ދުވަހު އެކަނިވެސް ވިޔަފާރިކުރާ 55 އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށްފައިވާއިރު، ބައިނަލްއަގުވާމީ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު އަދިވެސް އޮތީ ހުޅުވިފައެވެ. ކަނޑުދަތުރުފަތުރު ބަލަހައްޓާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައިވެސް އެންމެ ގިނަ އުޅަނދު މި ކަނޑުއޮޅިން ދަތުރުކުރި ދުވަސްވަރެވެ.
އެމެރިކާއިން މިފަދަ ބަޔާނެއް ނެރެފައިވަނީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަމަށް ބުނެ އީރާނުން ކަނޑުއޮޅި ބަންދުކުރިކަން އިޢުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އީރާނުން ދެކޭގޮތުގައި އިސްރާއީލުގެ ހަމަލާތަކަކީ އެމެރިކާއާއެކު ވެފައިވާ ނާޒުކު އެއްބަސްވުމާ ޚިލާފު އަމަލެކެވެ.
މި މައްސަލަތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ގައުމުގެ މަންދޫބުން ސްވިޒަލޭންޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ނިންމުން އިޢުލާން ކުރުމުގެ ކުރިން ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ