ވަރީގެ ސަބަބުން ދެމަފިރިންނަށް ވުރެ ބޮޑަށް އޭގެ ނޭދެވޭ އަސަރު ކުރަނީ ދަރިންނަށް ކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި ގުޅޭ ދިރާސާއެއް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ދެމަފިރިން ވަކިވި ނަމަވެސް މައިންބަފައިންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް ދެމިއޮންނާނެއެވެ. އަދި އެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ދެ ފަރާތުގެ އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށް ވިދާޅުވިއެވެ.
ބަދަހި މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ހަރުދަނާ ޢާއިލާތަކެއް ކަމަށްވާއިރު، ޢާއިލީ މައްސަލަތަކުން ކުދިން ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ފަރާތްތަކެއް ތިބުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މައްސަލަތައް ގޯސްވެ ވަރިއާ ހަމައަށް ދިއުމުގެ ކުރިން ޙައްލު ހޯދައިދިނުމަށް ފެމިލީ މީޑިއޭޓަރުންގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި މި ޚިދުމަތް މިހާރު ލިބެން ނެތުމާއެކު، ސަރުކާރުން ވަނީ މިކަން ޙައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
މި މަސައްކަތުގެ ދަށުން، އަންނަ ޖުލައި މަހު މީޑިއޭޓަރުން ތަމްރީނުކުރާނެ ޓްރެއިނަރުން ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކަކަށް ބޭނުންވާ މީޑިއޭޓަރުން ތަމްރީނުކުރެވިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ޢާއިލީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޢާއިލާއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ