މިއަހަރުގެ 1 މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި

މިއަހަރުގެ 1 މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި

Author
އަހުމަދު
20 ޖޫން 2026 11:43
0

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބުނީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާއަށެވެ. އޭނާ ރާއްޖެ އައީ ފިރިމީހާއާއެކު ވ. ފުލިދޫގައި ހުންނަ 'ދަ ޕާލް ސީވިއު' ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއި ސާބިތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. މިދިޔަ އަހަރު ޖޫން 7 ވަނަ ދުވަހު އެއް މިލިއަން ފަތުރުވެރިން ހަމަވި ނަމަވެސް، މިއަހަރު މި ލަނޑުދަނޑި ހާސިލުވެފައިވަނީ ޖޫން 21 ގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ފަރަގު އައުމުގެ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ގޮތުން، ހާއްސަކޮށް މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބޮޑެތި މައްސަލަތަކެވެ. އެހެންނަމަވެސް، ސިނާއަތުގެ ހިއްސާދާރުންނާއި އެއާލައިންތަކުން ދެއްވި އެއްބާރުލުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ނިންމެވުންތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. މީގެ އިތުރުން އިޓަލީ އަދި ޖަރުމަނުވިލާތުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާއިރު، ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ޖުމްލަ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.