ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފަށައިފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފަށައިފި

Author
އަހުމަދު
20 ޖޫން 2026 11:44
0

ކ. ގިރިފުށީގެ ބިން ހިއްކުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢު ފެށުމަށްޓަކައި ގިރިފުށި ޓްރޭނިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާރު އޮތް 5.7 ހެކްޓަރުގެ ބިމަށް އިތުރު 13.3 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރުކުރެވިގެންދާނެއެވެ.

މި މަސައްކަތުގެ ތެރެއިން ރަށްގިރުން ހުއްޓުވުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮއްޓާއި ގްރޮއިންސް ގާއިމުކުރުން ހިމެނެއެވެ. އަދި އުޅަނދުފަހަރަށް ފަސޭހައިން ކައިރިކުރެވޭނެހެން އެލް-ބްލޮކް ކީ-ވޯލްއެއް ހެދުމާއި، ލަފާފުރުމުގެ ފަސޭހައަށް 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް އެ ރަށުގައި ތަރައްޤީކުރެވިގެންދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިހާރު ފެށިފައިވާ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ނިމުމުން، ގިރިފުށި ވެގެންދާނީ ޒަމާނީ ހުރިހާ ވަސީލަތްތަކެއް އެކުލެވޭ ފުރިހަމަ ތަމްރީނު މަރުކަޒަކަށެވެ. އެގޮތުން، މިއީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކުގެ މައި މަރުކަޒަށް ވެގެންދާނެއެވެ. އަދި ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީނުތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް އެ ރަށުގައި ގާއިމުކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.