މެދުއިރުމަތީގެ މަސްރަހު ހޫނުވެ ބަދަލުކުރަމުންދާ ހަމަލާތައް އިތުރުވަމުންދާތީ، އެ ސަރަހައްދުގެ ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުން ބޭރަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިވަގުތު ހަމަލާތައް އަމާޒުވަމުންދާ ގައުމުތަކުގައި ދިރިއުޅޭ އަދި އެ ގައުމުތަކަށް ޒިޔާރަތްކޮށްފައިވާ ދިވެހިން، އެ ގައުމެއްގެ ސަރުކާރުން ސަލާމަތީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަށް ސަމާލުވެ، ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެދިފައެވެ. އަދި އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީއާއި އެމްބަސީތައް މެދުވެރިކޮށް ވަރަށް ގާތުން ބަލަމުންދާކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިގޮތުން ޔޫއޭއީ، ގަތަރު، ކުވެއިތު އަދި ބަހުރައިން ފަދަ ގައުމުތަކަށް ހަމަލާތައް އަމާޒުވެފައިވާތީ، އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެ ގައުމުތަކުގައި ތިބި ދިވެހިން ލަސްނުކޮށް ކައިރީގައި ހުންނަ ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ދަނޑިވަޅުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅުމަށް ޚާއްސަ ނަންބަރުތަކެއް ވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ދޯހާގައި ހުންނަ އެމްބަސީއަށް 97451777896+ އަށް، ޔޫއޭއީ އެމްބަސީއަށް 971501086689+ އަށް އަދި ސައުދީގައި ހުންނަ އެމްބަސީއަށް 966506894477+ އަށް ގުޅުއްވުމަށް އެދިފައިވެއެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން 7983400 އަށް ވަޓްސްއެޕް މެދުވެރިކޮށްވެސް މުއާމަލާތް ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ