ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
28 ފެބްރުއަރީ 2026 05:33
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން އައްޔަންކުރުމުގެ މައިގަނޑު ބޭނުމަކީ ވޯޓު ނެގުމާއި ގުނުމުގެ ކަންކަން ހިނގަނީ އިންސާފުވެރިކޮށްތޯ ކަށަވަރުކުރުމެވެ. މި އުސޫލުގެ ދަށުން، ކެންޑިޑޭޓެއްގެ މަސްލަހަތު އޮންނަ ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި އެ ކެންޑިޑޭޓެއްގެ ފަރާތުން އެއް މަންދޫބަކު ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މަންދޫބަކަށް ވުމަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. ނަމަވެސް، ޝަރުއީ ދާއިރާގެ ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ ވެރިން ނުވަތަ މެންބަރުން، އަދި ސަލާމަތީ ޚިދުމަތްތަކުގައި (ފުލުހުންނާއި ސިފައިން) މަސައްކަތްކުރާ ފަރާތްތަކަށް މިކަމަށް ކުރިމަތި ނުލެވޭނެއެވެ. ހަމައެއާއެކު، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއި، އިންތިޚާބާ ގުޅޭ މަސައްކަތެއްގައި އީސީގެ ފަރާތުން ހަރަކާތްތެރިވާ މީހަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، އިންތިޚާބުގެ އެހެން މަޤާމަކަށް ވާދަކުރާ ފަރާތްތަކަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންނަށް މަންދޫބުންނަކަށް ނުވެވޭނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިންތިޚާބީ ކުށެއް ސާބިތުވެފައިވާ ނުވަތަ ސުލޫކީ ފިޔަވަޅެއް އަޅާފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އީސީން ބަޔާންކުރެއެވެ. މަންދޫބުންގެ ގޮތުގައި ހަމަޖައްސާ ފަރާތްތަކުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް އިގުރާރުވާން ޖެހޭނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މާރިޗު މަހުގެ 7 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.