ޔޫއޭއީގައި ތިބި ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފި

ޔޫއޭއީގައި ތިބި ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފި

Author
އައިޝަތު އަޙްމަދު
28 ފެބްރުއަރީ 2026 05:32
0

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މަސްރަހު ހޫނުވެފައިވާތީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އީރާނުން ވަނީ އޭގެ ރައްދުގައި ހަމަލާދޭނެ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ހިމަނާފަ އެވެ. މިކަމާ ގުޅިގެން ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، ނުރައްކާތެރި ހާލަތެއް އުފެދިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވީ، މި ދަނޑިވަޅުގައި އެންމެހާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އެހެންކަމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ސަފީރު ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

އަދި މީގެ އިތުރުން، ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބަލަމުން ގެންދިއުމަށާއި، އެމްބަސީ އާއި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.