ރޯދަ މަހު ދުވާލު ކައިގެން ހައްޔަރުކުރި މީހުންގެ އަދަދު 4 އަށް: މިފަހަރު ހައްޔަރުކުރީ ގައްދޫ މީހެއް

ރޯދަ މަހު ދުވާލު ކައިގެން ހައްޔަރުކުރި މީހުންގެ އަދަދު 4 އަށް: މިފަހަރު ހައްޔަރުކުރީ ގައްދޫ މީހެއް

Author
އަހުމަދު
26 ފެބްރުއަރީ 2026 11:45
0

މި ހިނގާ ރަމަޟާން މަހުގެ ދުވާލު ގަޑީގައި އާންމު ތަނެއްގައި ކައިބޮއި ހެދި މައްސަލައެއްގައި އިތުރު ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ މި ރޯދަ މަހު މިފަދަ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި ހަތަރުވަނަ މީހާއެވެ.

މި މައްސަލައިގައި މިފަހަރު ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހުވެސް މާލޭގައި ދުވާލު ކައިގެން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން އެކަކަށް 15 ދުވަސް އަދި އަނެއް މީހާއަށް 10 ދުވަހުގެ މުއްދަތެއް ބަންދަށް ޖަހާފައިވާއިރު، ރޯދަ މަހުގެ ދެވަނަ ދުވަހުވެސް ވަނީ މިފަދަ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެހެންކަމުން މިއަދު ހައްޔަރުކުރި މީހާއާއެކު، ރޯދަ މަހުގެ ފުރަތަމަ ހަފްތާ ނުނިމެނީސް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.

ޝަރުއީ އުޒުރެއް ނެތި ރޯދަ މަހު ދުވާލު އާންމު ތަނެއްގައި ކެއިންބުއިމަކީ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގައިވާ ގޮތުން މިއީ ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށަކަށްވާއިރު، މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކުށުގެ ހާލަތަށް ރިއާޔަތްކޮށް، ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ ކުރުން ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށް ވެސް ފަނޑިޔާރަށް ހުކުމް ކުރެވިދާނެއެވެ. މީގެ އިތުރުން ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް މިފަދަ މީހުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.