މަގުމަތީގެ ގަވާއިދަށް ބޯލެނބުމަށް ރައީސް އެދިވަޑައިގެންފި

މަގުމަތީގެ ގަވާއިދަށް ބޯލެނބުމަށް ރައީސް އެދިވަޑައިގެންފި

Author
ޙަސަން މުޙައްމަދު
26 ފެބްރުއަރީ 2026 09:25
0

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާން ކުއްޖަކު ނިޔާވުމާ ގުޅިގެން، ހިތާމަ ފާޅުކުރައްވައި، އެންމެންގެ ސަލާމަތަށްޓަކައި މަގުމަތީގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޕޭމަންޓް މައްޗަށް އަރައިގެންނެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓްވިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ޒުވާނެކެވެ. އަދި ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ. މި ހާދިސާގައި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަރުވާ ދެމުންދަނިކޮށް 16 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.

މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަތުމުގެ އިތުރުން، މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ރައީސްގެ މެސެޖުގައި ވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަކީ ކޮންމެހެން ހިފަންޖެހޭ އާދައެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަމަށާއި، ކޮންމެ ރައްޔިތަކުވެސް ފަރުދީ އަދި ޢާއިލީ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.