ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީގެ އިދާރީ އިހުތިސާސަށް ބަދަލު ގެންނަވައި، ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅުއްވައިފިއެވެ.
މި ބަދަލު ގެންނަވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނެގުނު އާންމު ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނެގުނު މި ވޯޓުގެ ނަތީޖާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީ އަލުން ތަރުތީބުކުރައްވައި، ކުރިން އެ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނުނު ހުޅުދޫ އާއި މީދޫ ވަކިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި، އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާގެ އިހުތިސާސް ކަނޑައަޅުއްވައި، އެ ސަރަހައްދުތައް ވަކިކޮށްދޭ ޗާޓުތައް ވެސް ވަނީ ހިމަނުއްވާފައެވެ. ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުއްވުމަކީ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ކޮމެންޓު ފޮނުވާ