ޑިޖިޓަލް ރާއްޖެއާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެން ދާނެ: ރައީސް

ޑިޖިޓަލް ރާއްޖެއާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެން ދާނެ: ރައީސް

Author
ޙަސަން މުޙައްމަދު
26 ފެބްރުއަރީ 2026 03:26
0

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި، "މޯލްޑިވްސް 2.0″ ގެ އަމާޒުތައް ހާސިލުވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަ ލިބި، ރަށުގައި ތިބެގެން ޚިދުމަތް ހޯދައި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި މި ދާއިރާގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނަށް ފޮނުއްވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚީ ލިޔުންތަކުން ދައްކާ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގައި ޚިދުމަތްތައް ދެމުން އައިސްފައިވަނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކޮށްދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޙައްޤު މަޤާމު ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އާ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމަކުރުމާއި، މަގު ހެދުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިނގަމުންދާ ކަމަށެވެ. ހަމައެއާއެކު، އިޖުތިމާޢީ ހަމަޖެހުމަށްޓަކައި، ރައްޔިތުންގެ ކަންބޮޑުވުން އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތި އަދި ގޭންގު ކުށްތައް ހުއްޓުވައި ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަމުންދާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.