މޭރީގެ މަރުގެ ދައުވާ ލިބޭ މާވިން އިސްލާމްވެ ނަން "ޔޫސުފް" އަށް ބަދަލުކޮށްފި

މޭރީގެ މަރުގެ ދައުވާ ލިބޭ މާވިން އިސްލާމްވެ ނަން "ޔޫސުފް" އަށް ބަދަލުކޮށްފި

Author
ހުސައިން
26 ފެބްރުއަރީ 2026 03:13
0

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސް ވާގަސް ޖަލުގައި ހުރެ އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަން ކްރިމިނަލް ކޯޓުގައި މިއަދު ހާމަކޮށްފި އެވެ.

މި މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާސިރު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، މާވިން އިސްލާމްވެފައިވާކަން އަންގައި އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން އޭނާ ވަނީ އިސްލާމްވުމަށްފަހު ނަން "ޔޫސުފް" ގެ ނަމަށް ބަދަލުކޮށްފަ އެވެ. މިކަމާ ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވެސް އޭނާއާ މުހާތަބު ކުރެއްވީ ޔޫސުފްގެ ނަމުންނެވެ.

މާވިން އިސްލާމްވުމާ ގުޅިގެން، ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނަ އަދަބަށް ބަދަލެއް އަންނާނެތޯ އޭނާގެ ވަކީލު ވަނީ ދައުލަތާ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމާނީ މަޝްވަރާކުރުމަށްފަހު ކަމަށާއި، އެކަން ފަހުން ކޯޓަށް އަންގަވާނެ ކަމަށެވެ. ނަމަވެސް އާންމު އުސޫލުން ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ރަސްމީ ލިޔެކިޔުންތަކުގައި އޮންނަ ނަމުންކަން ވަކީލު ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި އަޑުއެހުމެއް ނަމަވެސް، ބައެއް ލިޔެކިޔުންތައް ހަމަނުވާތީ ދިފާއުން ވަނީ ތައްޔާރުވުމަށް އިތުރު ވަގުތަށް އެދިފަ އެވެ. އެހެންކަމުން ގާޒީ ވަނީ ހުލާސާ ބަޔާން އިއްވުން އަންނަ މަހަށް ފަސްކޮށްދެއްވާފަ އެވެ. މީގެ ކުރިން މި މައްސަލައިގައި ދައުވާލިބޭ ލަމްހާ އާއި މާވިންގެ ބައި ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ ދެ މީހުން އެއްކޮށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްގެންނެވެ.

އޮކްޓޫބަރު 2021 ގައި ހިނގި މި ހާދިސާގައި، މޭރީ މަރާލި ކަމުގެ ތުހުމަތު މާވިންގެ މައްޗަށް ކުރާއިރު، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ކުރަނީ މިކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ބުނާ ގޮތުގައި މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާގެ ގުޅުމުގެ ތެރެއިން އުފެދުނު މައްސަލަތަކެއްގަ އެވެ. މޭރީ މަރާލުމަށްފަހު އޭނާ ދަންޖެހުނު ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.