މައުލޫމާތު ފުރިހަމަނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓުކުރަނީ

މައުލޫމާތު ފުރިހަމަނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓުކުރަނީ

Author
އަހުމަދު
23 އޭޕްރިލް 2026 03:45
0

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން މައުލޫމާތު ފުރިހަމަނުކުރާ މީހުން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓުކުރަން ފަށާނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހު ފަށާނެ ކަމަށެވެ. މި ފިޔަވަހީގެ ދަށުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މައުލޫމާތު ނުދީ ތިބި މީހުން ހޯދައި ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްދާނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އޮޕަރޭޝަން ފެށުމުގެ ކުރިން ވޯކް ޕާމިޓް ފީ ނުދައްކާ އަދި ވިސާ ނެތް 148،417 ބިދޭސީން ތިބި ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ދެ ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކްސް ނަގާފައިވާއިރު، ފުރިހަމައަށް ފީ ދައްކައި ޑޮކިއުމަންޓްތައް ހަމަކޮށްގެން ގަވާއިދަށް ފެތޭ ބިދޭސީންގެ ނިސްބަތް ވަނީ 28 އިންސައްތައިން 62 އިންސައްތައަށް އިތުރުވެފައެވެ. ނަމަވެސް އަދިވެސް މައުލޫމާތު ހިއްސާނުކުރާ 2،933 މީހުން ރާއްޖޭގައި އެބަތިއްބެވެ.

ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އިންޒާރު ދެއްވަމުން އިހްސާން ވިދާޅުވީ، ފީ ނުދައްކާ އުޅޭ ކޮންމެ ބިދޭސީއަކުވެސް ވަގުތުން ޑީޕޯޓުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ވިސާ އަދި ވޯކް ޕާމިޓް ސްޓޭޓަސް ބަލައި، ގަވާއިދުން ފީ ދެއްކުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަރުކާރުން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ މައިގަނޑު އަމާޒަކީ ކައުންސިލްތައް މެދުވެރިކޮށް ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކޮށް، ގައުމީ މައި ދަފްތަރެއް އެކުލަވާލައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މި އޮޕަރޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކީވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުޅޭ މީހެއްކަން ސަރުކާރުން ކަށަވަރުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.