ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި، އޭނާ ފުލުހުންނާ މުއާމަލާތްކުރީ ވައިބަރ މެދުވެރިކޮށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެރޭ 8:40 ހާއިރު ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ވައިބަރ ނަންބަރަށް އެ އަންހެން މީހާ މެސެޖުކުރި ކަމަށެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން މެސެޖު ބަދަލުކުރެވި، 8:56 ގައި ބޭރަށްދާކަމަށާއި އޭނާ ރަނގަޅުކަމަށް ބުނެފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. ނަމަވެސް އެރޭ ދަންވަރު 12:38 ގައި "އައިއެމް ގޯން" ކަމަށް ބުނެ މެސެޖުކުރުމުން، އޭގެ ތިން މިނެޓު ފަހުން ވިކްޓިމް ސަޕޯޓުން ޖަވާބުދިން ކަމަށާއި އެއީ އެންމެ ފަހުގެ މުއާމަލާތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވިކްޓިމް ސަޕޯޓުން ފޮނުވި އެންމެ ފަހު މެސެޖަށް ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން، ދަންވަރު 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި ފުލުހުން ފޮނުވައިދިނުމަށް އެދުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު 1:08 ގައި ފުލުހުން ދަނާލަށް ވަދެ، އޭނާ އުޅޭ ކޮޓަރި ހޯދިފައިވަނީ 1:32 ގައެވެ.
މިއީ އޭނާ ވިކްޓިމް ސަޕޯޓާ މުއާމަލާތްކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ލައިނުން ހިދުމަތްދެނީ ތަމްރީނު ލިބިފައިވާ ސައިކޮލޮޖިސްޓުންނާއި ދާއިރާގެ ތަޖުރިބާކާރުން ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ އެތެރޭގެ ރިވިއުއެއް ހަދަމުންދާކަމަށާއި، މިނިވަން މުއައްސަސާތަކުންވެސް މައްސަލަ ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ. ރިވިއު ނިމުމުން އިތުރު މައުލޫމާތު ހާމަކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ކަންކަމާ ގުޅޭ މިފަދަ ހައްސާސީ މައްސަލަތަކުގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް ވަޒީރު ވަނީ ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފައެވެ. އެފަދަ ކަންކަމުގެ ސަބަބުން، މިފަދަ ކަންކަން ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި ހިތާމައިގައިވާ އާއިލާތަކަށް އިތުރު ތަކުލީފުތަކާ ކުރިމަތިލާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ